Saturday 17 March 2012


އަވަސް އިންތިހާބަކަށް ނުދަނީ ކީއްވެ ؟





ވެރިކަމުގެ ހުރިހައި އާރާއި ބާރެއް ފެށިގެންއަންނަނީ ރައްޔިތުންގެ ކިބައިން ކަމައް ޤާނޫން އަސާސީގައި ބަޔާން ކޮށްފައިވެއެވެ. ތިންބާރުވަކިވެފައިވާ ނިޒާމެއްގައި ރައްޔިތުން އިންތިހާބުކުރާ ސަރުކާރެއް އޮވެފައި، އިންތިހާބީ މެންބަރުން ތަކެއް އެކުލެވޭ ގާނޫން ހަދާ މަޖްލީހެއް ގާއިމް ވެއެވެ. އަދި ހުރިހައި މިނިވަން މުއައްސަސާ އެއްވެސް އުފެދިގެން އަންނަނީ ޤާނޫން ހަދާ މަޖްލީހުގެ ތެރެއިންނެވެ.

ކުރިން ދެންނެވި ނިޒާމުގެ ތެރެއިން އުފެދުނު ފުރަތަމަ ސަތުކާރު މިއަދު ވަނީ ބަދަލު ކުރެވިފައެވެ. ވެރިކަން ކުރި އެމްޑީޕީ އިން ތަކުރާރުކޮށް ބުނަމުން ގެންދަނީ އާ ސަރުކާރު ގަބޫލު ނުކުރާނެ ކަމަށެވެ. ހަމަ އެއާއި އެކު، ވެރިކަމުގެ ހުރިހައި ބާރެއް ގާނޫންގައި ވާ ފަދައިން، މަޖްލީހުގެ ރައީސް އާއި ހަވާލުކޮށް އަވަސް އިންތިހާބަކަށް ދިޔުމަށެވެ. މި ގޮވާލުމުގައި އަބާދިގެ ބޮޑު ބަޔެއް ޝާމިލު ވަމުން އެބަ ގެންދެއެވެ. މިހާލަތުގައި އުފެދޭ ސުވާލަކީ އަވަސް އިންތިހާބަކަށް މިހާރުގެ ސަރުކާރަށް ތާއީދު ކުރާ ބޭފުޅުން އެއްބަސް ނުވަނީ ކޮން ސަބަކާ ހުރެގެންތޯއެވެ؟

އަޅުގަނޑު ދެކޭގޮތުގައި ޕީޕީއެމް އަކީ، އިންތިހާބެއްގައި އެމްޑީޕީ އާއި އެންމެ ވާދަ ކުރާނެ ސިޔާސީ ޕާޓީއެވެ. އެހެން ނަމަވެސް ސިޔާސީ މައިދާނުގައި މިއަދާހަމަޔައް ޕީޕީއެމް އަށް ވަނީ އެންމެ ފުރިހަމަ ގޮތުގައި ހިނގައިގަންނަން ނުފެށިއެވެ. ޕީޕީއެމް ވުޖޫދަށް އައީ ޑީއާރްޕީ އިން ވަކިވި ފެކްޝަނަކުން ކަމައްވެފައި އެއިރުއުފެދުނު ހިޔާލް ތަފާތުވުންތަކުން މިއަދާއި ހަމަޔަށް ވަނީ އަރައި ނުގަނެވިފަ އެވެ. ހަގީގަތުގައި ސިޔާސީ ޕާޓިއެގައި ހުންނަނަންޖެހޭ ހުރިހައިސިފަތަކެއް ޕީޕީއެމްގައި ނެތެވެ. ޕާޓީ އަދި އޮތީ އިންތިގާލީ މަރުހަލާގަ އެވެ.

ރިޔާސީ އިންތިހާބަކަށް ކުރިމަތި ލާނަމަ ޕާޓީ ސިސްޓމެޓިކް ކޮށް ހިންގަންޖެހެއެވެ. ރައްޔިތުންގެ މެދުގައި މަގުބޫލު ލީޑަރެއް ހުންނަންޖެހެއެވެ. އެ ފަދަ ލީޑަރެއް ނެރެ އިސްތިހާރުކުރުމަށްވެސް ވަގުތު ބޭނުން ވާނެއެވެ. މިފަދަ ލީޑަރެއްގެ ހިލަބެއް ޕީޕީއެމް އިން ފެންނާކަށެއް ނެތެވެ. ރޫހީ ލީޑަރު ކަމަށް ގިނަބަޔަކު ގަބޫނުކުރާ ކުރީގެ ރައިސް މައުމޫން އަބްދުލްގައްޔޫމް، އަނބުރާ ރައްޔިތުން ބަލައިގަތުމަކީ ސުވާލު އުފެދޭ ކަމެކެވެ. ކޮއްކޯފުޅު ޔާމީން އަކީވެސް އިންތިހާބަށް ކުރިމަތި ލައްވާނެކަން ކުރިން އިއުލާން ކޮއްފައިވާ ބޭފުޅެކެވެ. މީގެއިނތުރުން އިންތިގާލީ ނައިބުރައީސް އުމަރުނަސީރު އަކީވެސް މިރޭހުގައި ވާދަކޮއްފާނެ ބޭފުޅެއްކަމައް ވަރައްބޮޑަށް ބެލެވެއެވެ.

މިދެންނެވި ސަބަބުތަކާހުރެ، ޕީޕީއެމް އަވަސް އންތިހަބަކަށް ގޮސްފާނެކަމަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވެއެވެ.

ޑީއާރްޕީ އަކީވެސް ރިޔާސީ އިންތިހާބުގައި ވާދަކުރާނެ، މެންބަތުންގެ ގޮތުން ދެވަނަ އައް އެންމެ ބޮޑު ސިޔާސީ ޕާޓީއެވެ. ޕީޕީއެމް އާއިހިލާފަށް، ޑީއާރުޕީގައި ލީޑަރެއް އެބަހުއްޓެވެ. ޕާޓީގެ ރައީސް އޮޓަމިޓަކުން ޕާޓީގެ ޓިކެޓް ލިބޭ ގޮތައް އަސާސީގަވައިދުގައި އޮތުމުން އަހުމަދު ތަސްމީން އަލީ ވަނީ، ގިނަ ބަޔަކައް އިސްތިހާރު ވެވިފައެވެ.

މިގޮތައް މިހެން އޮތްނަމަވެސް އިންތިހާބެއް ކާމިޔާބުކުރުމަށް އަދި ގިނަގުނަ މަސައްކަތްތަކެއް ކުރަން ޖެހޭކަން ޑީއާރްޕީ ގަބޫލުކުރެއެވެ. މިވަގުތުގައި އިންތިހާބެއް ބާއްވައިފިނަމަ، އެންމެބޮޑައް ވާދަކުރަން ޖެހެނީ އެމްޑީޕީ އާއި ކަން ޑީއާރްޕީ ގަބޫލުކުރާކަން ، ޕާޓީގެ އިސްވެރިން ގެ އަމަލުތަކުން ދޭހަވެއެވެ. އެމްޑީޕީގެ ފަސްވައުދު ފުއްދުމައް ކުރި ގިނަގުނަ މަސައްކަތް ތަކުގެ ސަބަބުން ގިނަ އާންމުންގެ އިތުބާރު އެމްޑީޕީ އަށް ލިބިފައި ވާކަން ޑީއާރުޕީ އަށްވެސް ވިސްނޭ ކަހަލަ އެވެ. އަޅުގަނޑު ގަބޫލު ކުރާގޮތުގައި މި ވަގުތު ޑީއާރުޕީ ކުރަމުން ގެންދާ މަސައްކަތަކީ ، ވެރިކަން ކުރާ ސަރުކާރާއި އެއްބައިވެ ،ކުރިން އެމްޑީޕީ އިން ކުރި ގިނަ ކަންތަކުގެ ފޮނި ބޯލުމުގެ މަސައްކަތެވެ. ހަމަ އެއާއިއެކު، ވެރިކަން ކުރާ ފަރާތްތަކަށް ލިބޭނެ އެޑްވާންޓޭޖް ތަކުގެ ބޭނުން ހިފުމަކީވެސް މިވަގުތު ޑީއާރްޕީ ގެ މަގުސަދުތަކުގެ ތެރޭހިމެނޭނެއެވެ. މިފަދަ ސަބަބުތަކާއިހުރެ، އަވަސް އިންތިހާބަކަށް ޑީއާރުޕީވެސް ތައްޔާރު ނޫންކަމަށް އަޅުގަނޑަށް ފެނެއެވެ.
  
އެމްޑީޕީ، ޑިއާރުޕީ،ޕީޕީއެމް ފިޔަވައި މިވަގުތު މި ރާއްޖޭގެ ރައްޔިތުންގެ ތާއިދު ލިބިފައިވާ ސިޔާސީ ޕާޓިއެއް ނެތެވެ. ގިނަ ޕާޓީތަކަކީ ތިންހާސް މެންބަރުން ހަމަނުވާ ސިޔާސީގުތުން އެއްވެސް ބަރުދަނެއްނެއި ބަޔެކެވެ. މިފަދަ ބޭފުޅުން މަސައްކަތް ކުރާނީ ވީހާވެސް ގިނަ ދުވަހަކަށް ލިބިފަ ތިބި މަގާމުތައް ދެމެހެއްޓޭތޯއެވެ.


ކުރުގޮތަކައް ދަންނަވާނަމަ ، އެމްޑޕީ ނޫނީ އިންތިހާބަކަށް ތައްޔާރު ވެވިފައޮތް ޕާޓީއެއް ނެތެވެ. އިންތިހާބެއްގެ ކުރިން އެހެން ޕާޓީތަކުން ކުރަންޖެހޭ ގިނަގުނަ މަސައްކަތްތަކެއް އެބަހުއްތެވެ. ހައްލުކުރަން ޖެހޭ ގިނަ މައްސަލަ ތަކެއް އެބަހުއްޓެވެ. މިކަންތައްތަކައް ވަގުތު ބޭނުންވެއެވެ.

No comments:

Post a Comment