Saturday 18 February 2012



       އުއްމީދު ތަކުގެ ނިމުން












11ނޮވެމަބަރ 2008 ވީ އަންގާރަ ދުވަހަކީ ދިވެހިންގެ އެތައް ބައެއްގެ ހިތްތަކަށް އާރޯކަމާއި ހިތްހަމަ ޖެހުން ގެނެސްދިން ދުވަހެކެވެ. 30 އަހަރުގެ އަނިޔާވެރި ހުދުމުހުތާރު ވެރިއެއްގެ ކިބައިން ދިވެހިންގެ މުސްތަޤްބަލް ސަލާމަތްކުރި ދުވަހެވެ. ޤައުމުގެ ތާރީޙުގައި ބޭއްވި 
 ފުރަތަމަ މިނިވަން އިންސާފުވެރި އިންތިހާބަކަށްފަހު ގައުމުގެ އޮޑިއަށް އާ ކައްޕިތާނެއް އިސްކުރުވި ދުވަހެވެ.

ފާއިތުވި ތިން އަހަރު ދުވަހު ދިވެހި ލޮބުވެތި އަހުންނާއި އުޙުތުން ދުވަސްތައް ހޭދަކުރަމުން ގެންދިޔައީ މިނިވަންކަމާއި ސުލްޙަވެރިކަމާއި އެކުގައެވެ. ގޭބަންދުން ފިލައި ދިރިއުޅުމުގެ ބޭނުންތައް ފުއްދަމުން ގެންދިޔައީ ހިތްހަމަޖެހި ތިބެއެވެ. ޤައުމަށް ދިމާވާ އެކިއެކި އަޑިގުޑަން ތަކުގައި ސަރުކާރަށާއި ވަކިވަކި ފަރުދުންނަށް އެހީތެރިވަމުން ގެންދިޔައީ އޯގާތެރިކަމާއި އެކުގައެވެ. އޭގެ މިސާލެއްގެ ގޮތުން ދަންނަވާނަމަ ސަރުކާރު މުވައްޒަފުންގެ އެތައް އަގުހުރި މަސައްކަތެއްގެ އުޖޫރަ ގައުމަށްޓަކައި ޤުރުބާން ކޮށްލިއެވެ. ޤައުމީ ޙިދުމަތުގައި ރައްޔިތުން ޝާމިލުވަމުން ގެންދިޔައީ ވެރިމީހާއަށް ނުހަނު އިތުބާރު ކުރަމުންނެވެ. ދަންނަވާލަންޖެހޭ ހަޤީގަތަކީ ދައުލަތުގެ ވެރިންނާއި މިކަންކުރާ ޕާޓީގެ އިސްފަރާތްތައް ޒުވާން ޖީލަށް ހިދުމަތްކުރަމުން ގެންދިޔައީ އެބޭފުޅުންގެ އެޓިޓިއުޑް ރަގަޅަށް އެގިތިބެއެވެ.
  
މަސްތުވާތަކެތީގެ ހާލަތް ތިން އަހަރުތެރޭ އެތައް ގުނައެއް ހެޔޮވެ މި ނުކައްކާތެރި ވަބާގައި ޖެހިފައިތިބި އުއްމީދީ ޒުވާނުންގެ ކުރިމަގު އުޖާލާ ވަމުން ދިޔަ މަންޒަރު އަޅުގަނޑުމެންނަށް ފެންނަމުން ދިޔައެވެ. ބޭސް ސިޓީއަށް ސަލާމް ޖެހުމުގެ އާދަ ނެތި، ކޮންމެ ދިވެހި ފަރުދަކަށްވެސް ހިލޭ ބޭސްފަރުވާ ކުރުމުގެ މަގު ފަހިވެގެން ދިޔައެވެ. އުމުރުން ދުވަސްވީ ބޭފުޅުންނާއި، ޙާއްސައެހީއަށް ބޭނުންވެފައިވާ ބޭފުޅުންގެ އިތުރުން އެކަނިވެރި މައިންނަށް އެބޭފުޅުންގެ އަމިއްލަ ބޭނުންތައް ފުއްދުމުގެ އުފާ ލިބެމުން ދިޔައެވެ. ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކަށް އަތްފޯރާއަގެއްގައި ދަތުރު ފަތުރުކޮށް އުޅެވޭނެ މަގުފަހިވެ، ބޯ ހިޔާ ކޮށްލާނެ ފަދައެއްނެތި ތިބި އެތައް ލޮބުވެތި ރައްޔިތުން ތަކެއްގެ އުއްމީދު ތަކުގައި ކުލަޖެހެމުން ދިޔަ މަންޒަރު އަޅުގަނޑުމެންނަށް ފެނުނެވެ. ކުރުގޮތަކަށް ދަންނަވާނަމަ ޤައުމީ އޮޑި މިސްރާބު ޖަހަމުން ގެންދިޔައީ އަޅުގަނޑުމެން ނުދެކޭފަދަ ދިވެހިރާއްޖެއަކާއި ދިމާއަކަށެވެ.



މިހާ ހިސާބަށް ޤައުމުގެ އޮޑި ކަނޑައްތު ކުރަމުން ދިޔައިރު ހިގަމުންދިޔަ ކަންތަކާއިމެދު ހިތްހަމަ ނުޖެހި ހަސަދެރިވާ ބަޔަކުވެސް އުޅެމުން ދިޔައެވެ. ފާއިތުވެދިޔަ ތިރީސް އަހަރުދުވަހު ވެރި މީހާގެ ޙާއްސަ އެހީތަކުން ތިޔާގިވި މަހުޖަނުންތައް ކުރިން ދެންނެވި ތަސްވީރު މުތާލިޔާކުރަމުން ގެންދިޔައީ ނުރައްކާތެރި ނަޒަރަކުންނެވެ. މެދުކެޑުމެއްނެތި ލިބުނު ޙާއްސަ އިނާޔަތްތައް މިހާރުގެ ސަރުކާރުން ނުލިބޭތީވެ މިބޭފުޅުންގެ ރުޅިވެރިކަން ދިޔައީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. ހަމަ އެޔާއިއެކު ރައްޔިތުންގެ އިއްތިހާބް ތަކުން ހޮވާ މަންދޫބުންނަށް، މިބޭފުޅުންގެ ދާއިރާގެ ރައްޔިތުން ހަޤީގަތުގައި ބޭނުންވާ މަގު ވިސްނެންފެށުމުން، ކުރީގެ ހުދުމުޙުތާރު ވެރިންނަށް މިމަންޒަރު ބަލާކަށް ކެތްވާގޮތެއް ނުވިއެވެ. ތޮއްޑޫންނާއި އައްޑޫއިން އަންނަ ހިތްވަރުގަދަ ދިވެހި ދަރީންނަށް ސިޔާސީ ގޮތުން ލިބެމުންދިޔަ ކާމިޔާބީތައް ބަލަން ނިގޫފިތިފަތިބި އާއިލީ ވެރިކަމަށް ލޯބިކުރާ ބޭފުޅުންނަށް ކެތްނުކުރެވުނެވެ.
މިދެންނެވި ކަންތައް ބަދަލްވާން ފެށީ އަޅުގަނޑުމެން ރައްޔިތުންގެ ކަންފަތަށް އަޑުއަހާލަން ފައްސޭހަ ގޮތަކަށެއް ނޫނެވެ. ހުދުމުޙުތާރު ވެރިކަން ދެމެހެއްޓި އުކުޅުތައް ބޭނުންކޮށްގެން ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދަ އުފައްދަން ފެށިއެވެ. ދިވެހިންގެ ލޮބުވެތި އިސްލާމްދީން އެއީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށް، ދީނީ އިލްމުވެރިންގެ ތެރޭގައި ތިބި ވެރިކަމުގެ ދަހިވެތިކަމުގައި މަސައްކަތް ކުރަމުން ގެންދިޔަ ބޭފުޅުން ކޮޅެއްގެ އެހީތެރިކަމާއި އެކު މުޖުތަމައު ފަސާދަ ކުރަމުން ގެންދިޔައެވެ. ޤަބޫލުކުރަން ދަތިވި ނަމަވެސް މިއީ ކަންތައް ހިނގި ގޮތްކަން ދިވެހި ލޮބުވެތި ރައްޔިތުން ގަބޫލުކުރާނެއެވެ.

ވޭތުވެދިޔަ 3 އަހަރު ދުވަހު ޤައުމުގެ އިސް ވެރިޔާ ވެރިކަން ކުރަމުން ގެންދިޔައީ ނުހަނު ގިނަގުނަ ފިއްތުން ތަކާއި އެކުކަން އަޅުގަނޑު ޤަބޫލު ކުރަމެވެ. ކާމިޔާބީގައި ހިތްތިރިކޮށް ހިޔާނާތްތެރިންގެ ހީލަތުން ރައްޔިތުން ސަލާމަތް ކުރެވޭތޯ އެބޭފުޅާ ދިޔައީ ކެޑިނޭޅި މަސައްކަތް ކުރަމުންނެވެ. އެހެންނަމަވެސް މަސްރަހު ބަދަލުވެގެން ދާގޮތާއި، ދޫ ދިނުމުގެ ސަބަބުން އޭގެ ނާޖާއިޒު ފައިދާ އިދިކޮޅު ފަރާތްތަށް ނަގަން ފެށިއެވެ. އެގޮތުން މިސްކިތުގެ ދާނި ވަގަށް ނެގުމާއި ނާއިންސާފަށް ފަހާ ތަންތަނުން މިލިއަނުން މަންފާ ހޯދި މައްސަލަތަކާއި އެތައް މިލިއަން ޑޮލަރެއްގެ ވަގު ވިޔަފާރީގެ މައްސަލަތައް ކޯޓުތަކުގެ ފަނޑިޔާރުން ނިންމަމުން ދިޔައީ ހުދުމުހުތާރު ވެރިއެއްގެ އަމުރަށް، އިންސާފަށް ލޯބިކުރާ އެތައް ދިވެހި ރައްޔިތުންނެއްގެ ލޮލުން ކަރުނަ އޮހޮރުވާފައެވެ.
މިހާ ހިސާބަށް ކަންތައް ދިއުމާއި އެކު ދައުލަތުގެ އިސްވެރިޔާގެ ހައިސިއްޔަތުން މުޙައްމަދު ނަޝީދުއަށް ޖެހިވެޑައިގަތީ ޤާނޫނީ ޗާޓުން ބޭރުވެ ލިބިފައިވާ ޙާއްސަ ބާރުކަތުގެ ބޭނުން ހިފައި މަސްތުވާތަކެތީގެ ބޮޑެތި ވިޔަފާރިވެރިންތަކެއް ގަސްތުގައި މިނިވަންކުރި ކިރިމިނަލް ކޯޓުގެ އިސް ޤާޒީ ނިޒާމުން ގެއްލުވާލާށެވެ. ހަމަގައިމުވެސް  މުޙައްމަދު ނަޝީދުގެ މި ތަފާތު އަމަލަކީ އެތައް ދިވެހި ރައްޔިތުންތަކެއް އެކަމަށް އެދިއެދި ތިބި އަމަލެއް ކަމަށް ޒުވާނެއްގެ ހައިސިއްޔަތުން އަޅުގަނޑު ޤަބޫލުކުރަމެވެ.  

އެހެންނަމަވެސް ނަޝީދުގެ މި އަމަލު ކުއްވެރިކޮށް ކްރިމިނަލް ކޯޓުގެ އިސް ޤާޒީގެ ކިބައިން އެތައް މަންފާއެއް ލިބެމުންދިޔަ މަދުބަޔަކު އެއްވުން މަނާ ސަރަހައްދުތަކުގައި ހަމަނުޖެހުން ހިންގިތަން އަޅުގަނޑުމެންނަށް ފެނުނެވެ. އެއްބަޔަކު ސައްލާ ކުރަމުން ގެންދިޔައީ އެދަޑިވަޅުގައި ކުރެވުނު ހުރިހާކަމެއް ކޮށް ރައްޔިތުންގެ އިއްތިހާބަކުން ހޮއްވަވާފައިވާ ފުރަތަމަ ޑިމޮކްރެޓިކް ސަރުކާރު ވައްޓާލާށެވެ. މިގޮތުން ނުވަދިހައިގެ އަހަރުތަކަށްސުރެ ވެރިކަމުގެ ދަހިވެތި ކަމުގައި މަސައްކަތްކުރާ ދައުލަތުގެ ނާޢިބު ރައީސް ޑރ. މުޙައްމަދު ވަޙީދު ހަސަން މަނިކުއާއި އެއްބައިވެ ރައްޔިތުން ވާނުނާގެ ތެރެއަށް ވައްދާލިއެވެ.

ވިހި ދުވަހުގެ ސިލްސިލާ ޢައިރު ޤާނޫނީ އެއްވުން ތަކަކަށް ފަހު ދެން ފެންނަމުން ދިޔަ މަންޒަރު ތަކަކީ އަޅުގަނޑަށް ގަބޫލުކުރަންވެސް ދަތި މަންޒަރު ތަކެކެވެ. ދިވެހި ލޮބުވެތި ރައްޔިތުން އެބަޔަކަށް ނުހަނު އިޙްތިރާމް ކުރި ދެ މުވައްސަސާ ތެރޭގައިތިބި، ތިރީސް އަހަރުގެ އިއްޒަތާއި ލަތްޒަތައް ދެވިހިފާފައިވާ ކޮރަޕްޓް ކޮމާންޑަރުން ތަކަކަށް ދިވެހި މަހުޖަނުން ތަކެއް ގިނަ އަދަދެއްގެ ފައިސާދީ މިބައި މީހުންގެ ބަހަށް ހައްލާލިއެވެ. ހަމައެޔާއެކު، ބޮޑުންނަށް ނުހަނު ކަމޭހިތައި އިޙްތިރާމްކުރާ އާންމު ފުލުހުން މި ނުރައްކާތެރި ބޭފުޅުންގެ އަވައިގައި ޖެއްސިއެވެ. އެތައް ބުރަ މަސައްކަތަކާއި ތާއީދާއެކު ހޮވި ރާއްޖޭގެ ފުރަތަމަ ސަރުކާރު މި މަދު ބައެއްގެ ބާރާއި ނުފޫޒުން ވައްޓާލިއެވެ. ހަމަގައިމުވެސް މި އަމަލަށް ބަޢާވާތެކޭ ކިއިދާނެ ހުރިހާ ސިފަތަކެއް ލިބިގެންވާކަމަށް ދިވެހިރައްޔިތުން ޤަބޫލުކުރާނެއެވެ.

ހިތާމައިގެ ކޮޅެއްނެތެވެ. ރައްޔިތުން ދެކެމުންދިޔަ އެތައް ހުވަފެން ތަކެއްގެ ނިމުން އައީއެވެ. ސުލްހަވެރިކަމާއި އެކު އުޅެމުން ދިޔަ ދުވަސްތަކުގެ ނިމުން އައީ ބާވައެވެ. ކުރި ހުރިހާ އުއްމީދުތައް ފެނަށްވީ ބާވައެވެ. ހަމަގައިމުވެސް ﷲ ތަޢާލާ އަކީ ހުރިހާ ކަމެއް ދެނެވޮޑިގެންވާ އަދި ބައްލަވާ ވޮޑިގެންވާ ރަސްކަލާންގެއެވެ. އަދި އެކަލާންގެ މުނާފިޤުންނަށް ޙައްޤު ޖަޒާ ކަނޑައަޅުއްވާނެއެވެ.

No comments:

Post a Comment