Monday 4 November 2013

ގދ. ގަން ފަޅުވުން

ގަން ފަޅުވާން ދިމާވި ސަބަބެއް އަދި މިހާތަނަށްވަނީ ހޯދައި ނުގަނެވިފައި. އަދި ގަމުގެ އާއިލާގެ އެއްވެސް މީހެއް 
ރާއްޖޭގެ އެއްވެސް ހިސާބަކުން ފެންނާކަށްނެތް.

މިލިޔުމަކީ ފަތްތޫތައިގެ 158 ވަނަ އަދަދުގައި މުހައްމަދު އިބްރާހިމް ލުތުފީ ގދ. ގަމާއި ބެހޭގޮތުން ލިޔުއްވާފައިވާ ލިޔުމެއް

ގދ. ގަމާއިމެދު މަޤާލާއެއް ލިޔުމަށް އަޅުގަނޑު ގަސްދުކުރީ 1983 މ. ވަނަ އަހަރާ 1985މ. އަހަރާއިދެމެދު ދިވެހިރާއްޖެއަށް 3 ދަތުރުކުރައްވައި ދެކުނުގެ 3 އަތޮޅަކުން އާސާރީ 3 ތަނެއް ޓެސްޓް އެކްސްކަވޭޝަންގެ ހަމަތަކުން ބެލުމަށްފަހު އެދަތުރުތަކުގައި އެ 3 އަތޮޅުގެ ދުވަސްވީ މީހުންގެ ފަރާތުން ޕްރޮފެސަރ ތޯހައިދާލް ހޯއްދެވި ފްލޯކްވާހަކަ ތަކާއި އޭނާގެ މަޝްހޫރު ތިޔަރީގެ ޚިޔާލުތަކާއި މަސްހުނި ކުރައްވައިގެން 1966މ. ގައި ނެރުއްވި " The Maldive Mystery" މިފޮތުގެ ޗެޕްޓަރ 4 ގައި ޕްރޮފެސަރ ގދ. ގަމާއި ބެހޭގޮތުން ދެއްވާފައިވާ ބަޔާންތަކުންނެވެ. ގދ. ގަން ފަޅުވިގޮތާއިބެހޭ ވާހަކަ 1971މ. ގައި އަޅުގަނޑު އަޑުއެހުމާއި އެކު އެރަށާއި ބެހޭ މައުލޫމާތު ހޯދައި އެއްކުރުމުގެ މަސައްކަތް އަޅުގަނޑު ފެށީމެވެ.
ގދ. ގަމަކީ "އިކްއޭޓޮރިއަލް" ކަނޑުގެ އުތުން ހުވަދުއަތޮޅުގެ ދެކުނު ދުނީގައި ހިމެނޭ ބޮޑެތި ރަށްތަކުގެ ތެރޭން އެއް ރަށެވެ. މިއަދު އެރަށަށް ގައްދޫގަން ކިޔުނު ނަމަވެސް އޭގެކުރިން ގަމަކީ ގައްދުއާ މާބޮޑު ގުޅުމެއްހުރި ރަށެއްނޫނެވެ. ގަމުގެ "ޗާލު" ދުވަސްވަރު ގައްދުއަކީ ވަރަށްކުޑަކުޑަ އާބާދީއެއްގެ މައްޗަށް އެކުލެވޭ އައު ރަށެކެވެ. ގަންފަދަ ގަދީމީ ރަށެއްނޫނެވެ. ގދ. ގަމަކީ ރާއްޖޭގައި "ގަން" މިނަންކިޔާ 3 ރަށުގެ ތެރެއިން އެއްރަށެވެ. އަނެއް 2 ގަން ފަދައިން ގދ. ގަމަކީ ބިންބޮޑު ޗަސްބިންއޮތް މާރަށެކެވެ. އެރަށުގައި ހައްދާ އޮޅުއަލައާއި އޮށްޓަރު ދަނޑުވެރިކަމުން ހުވަދުއަތޮޅުގެ 3 މަސްދުވަހުގެ "ކާޑު" ސަލާމަތް ކޮށްދިން ރަށެކެވެ. ކާށީގެ ރޮނގުން ރެޔާއި ދުވާލު 1000 ކާށި ބިންމަތީގައި ޖެހޭރަށެކެވެ. އަދި ގިނައިން ވެލާއަރާރަށެއްވެސް މެއެވެ.

ގަން ފަޅުވުމުގެ ކުރީގައިއެރަށުގެ އާބާދީ ގިނަކަމުގެ މައްޗަށް ހެކިލިބެއެވެ. އަދި އެރަށުމީހުންނަކީ އަމިއްލަ އޮޑިފަހަރުގައި
 ރާއްޖެއިން ބޭރަށް ދަތުރުފަތުރުކުރި ތަނަވަސް ބައެއްމެއެވެ. ނަމަވެސް މީގެ 200 ވަރަކަށް އަހަރުކުރިން އެރަށް ފަޅުވެދިޔަކީ ވަރަށްކުއްލި ހައިރާން ވަނިވިގޮތަކަށެވެ.

ރާއްޖެ އިސްލާމްދީނަށް އެނބުރުމުގެ ކުރީގައި ގަމުގައި އުޅުނީ ބުޑިސްޓުންނެވެ. ބުޑިސްޓް ތަފާތު މަޒުހަބުގެ ތެރޭންވެސް "ހިންދީ ބުޑިޒަމް" (ތަންތިރިޒަމް) ގެ މީހުންނެވެ. އެބައިމީހުން ގަމުގެ 8 އަވަށުގައި އުޅުނުކަން ފާހަގަކުރެވެއެވެ. ކޮންމެ އަވަށެއްގައި ހަވިއްތައެއް ނުވަތަ އުސްތޫޕާއެއް ނުވަތަ ވިހާރައެއް އެބަހުއްޓެވެ. ގަމުގައި ތިބި ބުޑިސްޓުން އިސްލާމްވުމަށްފަހު އެރަށު އިރު އުތުރު އަވަށުގައިހުރި ބޮޑު މޮނާސްޓްރީ ތަޅާލައި އެތާނގައި ހުކުރުމިސްކިތް ބިނާކުރިއެވެ. މިސްކިތުގެ ތަރާގަނޑަށް ބަލާއިރު އެއީ ބޮޑުމިސްކިތެކެވެ. މިސްކިތުގެ ގަބުރުސްތާނުވެސް އެހާބޮޑުމެއެވެ. އެރަށުގައި 40 މިސްކިތް ހުރިކަމަށް ބުނެވެއެވެ. ނަމަވެސް މިހާރު ފާހަގަކުރެވެނީ 8 މިސްކިތުގެ ތަރާގަނޑާއި 10 ގަބުރުސްތާނެވެ. ފަހަރެއްގައި ރަށްކޮށާ ސާފްކުރުމުން އިތުރު ތަންތަން ފެނުން އެކަށީގެންވެއެވެ. ގަމުގެ ހުކުރު މިސްކިތާއި މާދުރުނޫން ހިސާބެއްގައި ގަމުގެ ކަނޑުއޮޅި ފެންނަގޮތަށް "ގަމު ކިއްލާ" އޭކިޔާ ތަނެއް އޮވެއެވެ. އެތަން އެންމެ ވައްތަރީ ސ. ހިތަދޫ އިރުއުތު މުލީގައި އޮންނަ "ކޯއްޓޭއޭ" ކިޔާ ތަނާއެވެ. އަދި ގދ. ވާދޫގައިވެސް "ކާންޒީފާރޭ" ކިޔާ ތަނެއް އޮވެއެވެ. ފަހަރުގައި މިއީ ބުދު ދީނުގެ ޒަމާނުގެ ތަންތަނަށް ވެދާނެއެވެ. ނަމަވެސް ބައެއް މުސްކުޅިންގެ ބަހުގައި އެތަންތަން ހެއްދެވީ އުތީމް 3 ބެއިން ޕޯޗްގީޒުންގެ ލޯމަތިން ދުރަށްޖެހިވަޑައިގަތުމަށް ރާއްޖޭގެ ދެކުނަށް ކުރެއްވި ދަތުރުފުޅުގައެވެ. ކޮންމެއަކަސް މިވާހަކައަށް ރާއްޖޭގެ ތާރީޚް ހެއްކެއް ނުދެއެވެ. ގަމު ހުކުރު މިސްކިތުގެ ގަބުރުސްތާނުގެ ބައެއްކަމުގައިވާ ގަމު ތުނޑީ ޒިޔާރަތުގައިވަނީ "އަލްފަޤީހު ހުސައިން ބުނު އީސާ" އެވެ. މިޚަތީބް ހުސައިނަކީ މަތިމަތި ފުށުން އެއް އާއިލާއަކުން ގަމުގެ ޚަތީބުކަން ކުރެއްވި އެއާއިލާގެ 7 ވަނަ ޚަތީބްކަން މަހާނަ ގަލުގެ ލިޔުންތަކުން އެނގެއެވެ. އޭނާ ތައުލީމް ހާސިލްކުރެއްވީ ވާދޫ ދަންނަކަލޭފާނުގެ އަރިހުން ނެވެ. އެހެންވާއިރު މުހައްމަދު ތަކުރުފާނުލް އައުޒަމާއި އުތީމު ދަރިކޮޅުގެ ރަސްކަމުގައި 1103ހ. ގެނިޔަލަށް ގަމުގައި މީހުންއުޅުނެވެ.
ގަމުގައި މީހުންއުޅުނު ދުވަސްވަރު ގަމުގެ ދެކުނު އިރަށް އޮތް ގައްދުއަކީ 50 އަކަށް ފިރިހެނުން އުޅުނު ކުޑަރަށެކެވެ. ގައްދޫ މީހުންގިނަމީހުންތައް އެދުވަސްވަރުވެސް ފުއްދަމުން ދިޔައީ ގަމުންނެވެ. މީގެ 200 ވަރަކަށް އަހަރުކުރިން ގައްދޫ އުތުރުކޮޅު ކުޑަމިސްކިތް ބިނާކުރުމުގެ މާވަޑިއަކީ "ގަމު އިސްމާއީލް" މާވަޑިއެވެ. މިކަން އެނގުނީ މީގެ އަހަރުތަކެއްކުރިން އެމިސްކިތް އާކުރުމަށް ރޫޅާލިއިރު ފެނނުނު ލިޔުމަކުންނެވެ. ގައްދޫގައި ފުރަތަމަ ފަހަރަށް ހުކުރުކުރެވުނީ1280ހ. ވަނަ އަހަރުގައެވެ. ހުކުރުކޮށްދެއްވުމަށް މާލޭން ވަޑައިގަތީ އަލްގާޒީ އިބްރާހީމް މަޖުދުއްދީން ފަނޑިޔާރު ތަކުރުފާނެވެ. އެއީ އެމަނިކުފާނު އަވަހާރަވުމުގެ 7 އަހަރު ކުރިއެވެ. ރަށުގެ ފުރަތަމަ ޚަތީބަކީ އަލްޚަތީބު އިދްރީސްއެވެ. މިއިދްރީސްގެ މުދިމް އިބްރާހީމްގެ ގައްދޫ އަލްޚަތީބް ހުސައިން މަނިކެވެ. ހުސައިންމަނިކުގެ އަލްފާޟިލް ހަސަން ހުސައިން މަނިކެވެ.
ގަމުހުކުރުމިސްކިތް ގަބުރުސްތާނުގެ ގިނަ މަހާނުގަލުގައި ލިޔެފައިހުރީ ބިސްމިއާއި އާޔަތުލް ކުރުސިއެވެ. މިއީ ވަރަށްކުރީގެ މަހާނަގާތަކުން ފެންނަގޮތެކެވެ. މަހާނަގާތަކަށް ގިނަ ދުވަސްވުމާއި ރަށްފަޅުރަށަކަށް ވުމުން އެރަށުގެ ތަފާތުބޭނުންތަކަށް ގާބޭނުންކުރެވިފައި ވުމުންނާއި އެކު ގިނަ ގާހުރީ ނެތިގެންގޮސް ފަޔާއި ބިނދިފައެވެ. ސަލާމަތުންހުރި މަހާނަގާތަކުންފެނުނު މަހާނަގަލަކީ ގދ. ކުރެއްދޫ މިހާރު ފަޅުރަށެއް ޚަތީބްގެ އަންހެން ދަރިއެއްގެ މަހާނަގަލެވެ.އޭނަގެ ނަންއޮތްތަނާއި މަރުވި ތާރީޚް އޮތްތަންވަނީ ހަލާކުވެ ކިޔަން ނޭނގޭގޮތްވެފައެވެ. ކިޔަންއެނގުނީ އޭނާ މަރުވި އަދަދުގެ އެންމެ ފަހދެއަދަދެވެ. އެއީ 12އެވެ. ވުމާއެކު އޭނާ މަރުވީ 1200ހ. ގެ ކޮންމެވެސް އަހަރެއްގައިކަން ޔަގީންކުރެވެއެވެ. ގައްދޫ އުތުރުކޮޅު މިސްކިތް ބިނާކުރެވުނު ދުވަސްވަރާއި ކުރިން މިދެންނެވުނު މަހާނަގަލުގައިވާ އަހަރާއި ދާދި އެއްދުވަސްވަރަކަށް ދެއެވެ. މިހެންވުމުން އަޅުގަނޑު ލަފާކުރާގޮތުގައި ގދ. ގަން ފަޅުވެފައިވަނީ 1200ހ. ގެ ތެރޭގައެވެ. 1200 ގައި ރާއްޖޭގެ ތަޚުތުގައި ރެނދަލިކުރައްވާފައިވަނީ އައްސުލްތާން ހަސަން ނޫރައްދީން 1 ވަނަ އާއި އެރަދުންގެ ދަރިކަލުން މުހައްމަދު މުއީނުއްދީން 1 ވަނަ އާއި އައްސުލްތާން މުހައްމަދު އިމާދުއްދީން 4 ވަނައެވެ. (1250ހ.-1299ހ.1835މ-1882) އައްސުލްތާން ހަސަން ނޫރައްދީނުގެ ރަސްކަމާއި މުއީނުއްދީން 1 ގެ ރަސްކަމުގައި ހުވަދު އަތޮޅުން ފަޅުވިރަށްރަށުގެ ނަން އަލްގާޒީ ހަސަން ތާޖުއްދީނުގެ ތާރީޚްގައި ބަޔާންކުރައްވާފައި ވެއެވެ. އެރަށްރަށުގެ ތެރޭގައި ގަމުގެ ނަން ހިމެނިފައެއް ނުވެއެވެ.

ރަށެއް ފަޅުވުމަށް މެދުވެރިވެފައި ހުރި ސަބަބުތަކުގެ ތެރޭގައި އެރަށެއްގައި މީހުން އާލާނުވުމާއި، ބަނޑުވޭން (ކޮލެރާ) ޖެހި ގިނަބަޔަކުމަރުވެ ރަށް ނާމާންވުމާއި، ކަށިވިދުރިޖެހި މީހުން މަރުވުމާއި ގުޅިގެން ބޮލުވާރު ދައްކަން ދަތިވުމާއި، ރަށްގިރަމުންގޮސް ރަށުގައި އުޅެވޭގޮތް ނެތުމާއި، ކުރީޒަމާނުގައި މަލާބާރީން އައިސް ފަސޭހައިން ލަފައިއުޅެވޭރަށްރަށް ލޫޓުވުމުންނާއި، އަދި މިނޫންވެސް ޝައިތާނީ ބާރުތަކުން ރަށްނާމާންވުމާއި، އެރަށަކަށް ކަނޑުން "ބޭރި" އެރުމާއި މިފަދަކަންކަމުންނެވެ. އެފަދަކަންކަން ދިމާވުމުން ވަގުތީގޮތުން ރަށްދޫކޮށް އެހެން ރަށަކަށް ހިޖްރަ ކުރުމަށްފަހު ދުވަސްގަނޑަކުން އެނބުރި ރަށަށް އަންނަގޮތްވެސް ވެފައި އެބަހުއްޓެވެ. އަނެއްބައި ފަހަރު އެހިޖްރަކުރިރަށް ދިރިއުޅުމަށް ފަސޭހަރަށަކަށް ވެއްޖެނަމަ ދާއިމީގޮތަކަށް އެރަށެއްގައި ދިރިއުޅެމުން ގޮސްފައިވޭމެއެވެ. މިސާލެއްގެ ގޮތުންނ ދަންނަވަނީނަމަ އިސްވެ ދެންނެވި ސަބަބު ތަކުން ކޮންމެވެސް ސަބަބެއް މެދުވެރިވެގެން ސ. އަތޮޅު މަރަދޫ މީހުން އެއަތޮޅު "ހަންކެޑެ" އަށްގޮސް އެރަށުގައި އުޅެފައި އެރަށް ފަޅުކޮށްފައި އެނބުރި މަރަދުއަށް ދިޔައީ އައްސުލްތާން މުހައްމަދު މުއީނުއްދީން1 ގެ ރަސްކަމުގައެވެ. ހުވަދުއަތޮޅުން މީހުން ފޭބި އެއްވެސް ރަށަކަށް ފަހުން މީހުން އެނބުރި ގޮސްފައެއް ނެތެވެ. އެބައެއްގެ އަސްލު ރަށް ފަޅުކޮށްފައި އެހެން ރަށަކަށް ނުވަތަ ރަށްރަށަށް ހިޖްރަކުރި ނަމަވެސް އެބައެއްގެ ދަރިކޮޅު އެހެން ރަށްރަށުން ފާހަގަކުރެވެއެވެ. މިގޮތާ ޚިލާފަށް ގަން ފަޅުވި ހާދިސާގައި ގަމުން ފޭބި އެއްވެސް މީހެއްގެ ދަރިކޮޅު އެރަށާކައިރީގައިވާ އެއްވެސް ރަށެއްގައި އަދި އަތޮޅުގެ އެހެން ރަށެއްގައި ނެތްކަމަށްވެއެވެ. މިއީ ހައިރާން ވަނިވި ކަމެކެވެ.
ގަންފަޅުވިގޮތާއިމެދު ގައްދުއާއި އަތޮޅުގެ އެހެން ރަށްރަށުގައި ދެކެވޭ ވާހަކައެއް އޮވެއެވެ. އެއީވެސް ހައިރާންކުރުވަނި ވާހަކައެކެވެ. އެވާހަކައަކީ " ގަން ފަޅުވީ އެއްރެއެއްގެ ދަންވަރު ރަށުގެ ފުށްޓަރު ފަރާތުން ރަށަށް އެރި ބޮޑެތި ބުޅާތަކެއް (ބުޅަލުގެ ރަސްކަމެއް) ރަށަށް އެރުމާއި އެކު ރަށުތެރެއަށް ފެތުރިގެން ދިޔައެވެ. އިރުއެރުމުގެ ކުރިން އެބުޅާތައް ރަށުގެ އަނެއްފަރާތުން ފައިބައިގެން ދިޔައިރު ރަށުގައި ދިރިހުރި އެކަކުވެސް ނެތެވެ. މަރުވެފައިވާ މީހެއްގެ ހަށިގަނޑުވެސް ފެންނާކަށް ނެތެވެ. މިކަމުން ސަލާމަތްވީ ހަމައެންމެ މީހެކެވެ. އޭރުއޭނާހުރީ ދަތުރުވެރިއެއްގައި މާލެގޮސްފައެވެ."
ކުއްލިއަކަށް ގަންފަދަ މާރަށެއްގެ އެންމެން ނެތިގޮސް ރަށްފަޅުވީ ބުއްދިޔަށް ގަބޫލުކުރަން ދަތިގޮތަކަށެވެ. ފަހަރުގައި އެފަދަ ގޮތެއްވުމަކީވެސް އެކަށީގެންނުވާ ކަމެއް ނޫނެވެ. ގަމުގެ ރަށްވެރިޔާ އަލްފާޟިލް ހަސަން ހުސައިން މަނިކު ބުނުއްވި ގޮތުގައި "1975މ. ވަނަ އަހަރާ ހަމައަށް ގަމަށް ބުޅާގެންދިޔުމަކީ މަނާކަމެކެވެ". ގައްދޫގެ ވަރަށް ގިނަ ބަޔަކުވެސް އެވާހަކަ އެގޮތަށް ބުނެއެވެ. ރަށަށް ބުލާގެންގޮސްފިނަމަ "ދަރަ" ހިލި ރަށް ނާމާންވެއެވެ. ރޭގަނޑުގައި އުދުހޭ އަލިގުޅައާއި ރަށުގެ އަތިރިމަތީގައި ކޮޅުކޮޅަށް ހަރަކާތްތެރިވެކުޑަވެ ބޮޑުވާ އަލިގަނޑު ފެންނަކަމަށްބުނެވެއެވެ. ގަމުގައި ދަނޑުވެރިކަން ކުރުމަށް ގޮސްއުޅޭމީހުނަށް ރަށުތެރޭން ނާމާން އަޑުއިވުމާއި އަންހެނުންގެ ސިފައިގައި ތިބޭ "ކަޅު ހަންޑި" ފެންނަކަމަށް ބައެއްމީހުން
ބުނެއެވެ.
ކޮންމެއަކަސް މިހާރުގަމުގައި ކޮންމެވެސް ވަރަކަށް ބުޅާ އުޅެއެވެ. 1985 ގައި އެރަށު ގޮއިގޭދޮށުގައި 2 ބުޅާ އޮއްވާ އަޅުގަނޑު ދުށީމެވެ.

ގަން ފަޅުވުމާއި ގުޅިގެން ގދ. ގައްދޫ ނާމާންވެ ރަށުގެ ފެހުނުން އުދުހިފައި އަންނަ އަލިގަނޑެއް ރަށަށް ތިރިކުރާ ވާހަކައާއި އެރަށުން މީހުން މަރުވާ ވާހަކައާއި އައްޑުއަތޮޅު މީދޫ ކުޑަރަނިޔަގެ މުހައްމަދު މަނިކުފާނު ( ކުދުރަނިޔަގެ ބެއްޔާ) އެރަށަށް ފަންޑިތަ ހަދަން ގެނައި ވާހަކައެއް 1971މ. ގައި ގައްދޫން އަޅުގަނޑު އަހާފައިވާތީ މުހައްމަދު މަނިކުފާނާއި އަޅުގަނޑު ސުވާލުކުރީމެވެ. ބުނުއްވީ "ތިޔަކަހަލަ ކަމެއް ހިނގާތީ ގައްދޫ އިސްމާއީލް ކަލޭފާނާއި ޚަތީބު ހުސައިން މަނިކު ތިމަން މިރަށަށް ގެންނަވައި ރައްޔިތުންގެ އެހީގައި ގެއެއް އަޅުއްވައި މިރަށުގައި (ގައްދޫގައި) ވަޒަންވެރިކުރުވީ އެސަބަބުތައް އެގޮތަށް އޮތުމުންނެވެ. އެކަމަކީ ހަގީގަތެކެވެ." ގައްދޫގެ ވަރަށް ގިނަބަޔަކު ރަށްވެހިކަމުގެ ތެރޭގައި ވެސް އެކަން ދުށްކަމަށް ބުނެއެވެ. ނަމަވެސް މުހައްމަދު މަނިކުފާނުގެ މަސައްކަތުން މިހާރު ގައްދުއަކީ އަމާންރަށަކަށް ވެއެވެ.

Saturday 21 September 2013

އޮނަރަބަލް ޤާސިމް އިބްރާހިމް ޕީޕީއެމް އާއި ކޯލިޝަން ނަހަދަންވީ ކީއްވެ؟


ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާއަށް ބަލާލުމުން އަޅުގަނޑުމެނަށް ސާފުވާ އެއް ކަމެއް އެބަ އޮތެވެ. އެމްޑީޕީ އަށާއި އެ ޕާޓިގެ ސިޔާސަތްތަކަށް ދިވެހިންގެ މެދުގައި އޮތް މަގުބޫލުކަމެވެ. ހަމަ އެއާއި އެކު ކުރީގެ ރައީސް މައުމޫން ގެ ޕިޕީއެމް އާއި ދާދި އެއް ހަމައެގައި ޤާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީއަށް ލިބުނު ބޮޑު ތަރުހީބެވެ.

ހަގީގަތުގައި އަޅުގަނޑުމެންނަށް މި ފެނުނު މަންޒަރަކީ ތިންވަނަ ފިކުރަކަށް ދިވެހިން ދީލާލި މަންޒަރެވެ. ޒަމާންވީ ތިރީސް އަހަރަށް ނޫނެކޭބުނި ފަދައިން، ހިތްތިރި ތިން އަހަރަށްވެސް ނުނެކޭބުނާ ގިނަބަޔަކު ތިބިކަން އަޅުގަނޑުމެނަށް ފެނި ހާމަވެއްޖެއެވެ. މި ފިކުރު ހިފެހެއްޓުމުގެ ޒިންމާ އެޅިފަވަނީ ޖުމްހޫރީ ގުޅުމުގެ ލީޑަރު އޮނަރަބަލް ޤާސިމް އިބްރާހިމް ގެ ބޮލުގަ އެވެ.

ހަގީގަތުގައި މި އިންތިހާބު ގައި ކުރީގެ ރައީސް މައުމޫންގެ ޕީޕީއެމް ، ޖުމްހޫރީޕާޓީގެ ފުރިހަމަ ތާއީދާއި އެކު ކާމިޔާބު ވެއްޖެނަމަ އަޅުގަނޑުމެނަށް ފެނިގެން ދާނީ ވެރިކަމުގައި ޕީޕީއެމް ތިބެ މިފަހަރު މި އުފެދުނެ ތިންވަނަފިކުރު ކޮށައި ފުޑުފުޑު ކޮއްލާނެ މަންޒަރެވެ. ހަމަ ގައިމުވެސް ވެރިކަމުގެ އާރާއި ބާރު ބޭނުން ކުރަން ކުރީގެ ރައީސް މައުމޫންގެ ހުރިވަރުގެ ތަޖުރިބާހުރި ބޭފުޅަކު ރާއްޖޭގެ ސިޔާސީ މައިދާނުގައި ފެންނާކަށް ނެތެވެ.

ޑިމޮކްރަސީގެ ޅަފަތުގެ ދައުރުގައި ގިނަ ސިޔާސީ ފިކުރުތަކެއް ވަރަށް މުހިންމެވެ. މި މަތިވެރި ގައުމީ ވާޖިބު ފުރިހަމަކުރުމަށްޓަކައި ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އޮނަރަބަލް ޤާސިމް އިބްރާހިމް ޕީޕީއެމް އާއި ބައިއަތު ނުހިފުން މުހިންމެވެ. 

Saturday 17 March 2012

thundu kunaa:
އަވަސް އިންތިހާބަކަށް ނުދަނީ ކީއްވެ ؟





ވެރިކަމުގެ ހުރިހައި އާރާއި ބާރެއް ފެށިގެންއަންނަނީ ރައްޔިތުންގެ ކިބައިން ކަމައް ޤާނޫން އަސާސީގައި ބަޔާން ކޮށްފައިވެއެވެ. ތިންބާރުވަކިވެފައިވާ ނިޒާމެއްގައި ރައްޔިތުން އިންތިހާބުކުރާ ސަރުކާރެއް އޮވެފައި، އިންތިހާބީ މެންބަރުން ތަކެއް އެކުލެވޭ ގާނޫން ހަދާ މަޖްލީހެއް ގާއިމް ވެއެވެ. އަދި ހުރިހައި މިނިވަން މުއައްސަސާ އެއްވެސް އުފެދިގެން އަންނަނީ ޤާނޫން ހަދާ މަޖްލީހުގެ ތެރެއިންނެވެ.

ކުރިން ދެންނެވި ނިޒާމުގެ ތެރެއިން އުފެދުނު ފުރަތަމަ ސަތުކާރު މިއަދު ވަނީ ބަދަލު ކުރެވިފައެވެ. ވެރިކަން ކުރި އެމްޑީޕީ އިން ތަކުރާރުކޮށް ބުނަމުން ގެންދަނީ އާ ސަރުކާރު ގަބޫލު ނުކުރާނެ ކަމަށެވެ. ހަމަ އެއާއި އެކު، ވެރިކަމުގެ ހުރިހައި ބާރެއް ގާނޫންގައި ވާ ފަދައިން، މަޖްލީހުގެ ރައީސް އާއި ހަވާލުކޮށް އަވަސް އިންތިހާބަކަށް ދިޔުމަށެވެ. މި ގޮވާލުމުގައި އަބާދިގެ ބޮޑު ބަޔެއް ޝާމިލު ވަމުން އެބަ ގެންދެއެވެ. މިހާލަތުގައި އުފެދޭ ސުވާލަކީ އަވަސް އިންތިހާބަކަށް މިހާރުގެ ސަރުކާރަށް ތާއީދު ކުރާ ބޭފުޅުން އެއްބަސް ނުވަނީ ކޮން ސަބަކާ ހުރެގެންތޯއެވެ؟

އަޅުގަނޑު ދެކޭގޮތުގައި ޕީޕީއެމް އަކީ، އިންތިހާބެއްގައި އެމްޑީޕީ އާއި އެންމެ ވާދަ ކުރާނެ ސިޔާސީ ޕާޓީއެވެ. އެހެން ނަމަވެސް ސިޔާސީ މައިދާނުގައި މިއަދާހަމަޔައް ޕީޕީއެމް އަށް ވަނީ އެންމެ ފުރިހަމަ ގޮތުގައި ހިނގައިގަންނަން ނުފެށިއެވެ. ޕީޕީއެމް ވުޖޫދަށް އައީ ޑީއާރްޕީ އިން ވަކިވި ފެކްޝަނަކުން ކަމައްވެފައި އެއިރުއުފެދުނު ހިޔާލް ތަފާތުވުންތަކުން މިއަދާއި ހަމަޔަށް ވަނީ އަރައި ނުގަނެވިފަ އެވެ. ހަގީގަތުގައި ސިޔާސީ ޕާޓިއެގައި ހުންނަނަންޖެހޭ ހުރިހައިސިފަތަކެއް ޕީޕީއެމްގައި ނެތެވެ. ޕާޓީ އަދި އޮތީ އިންތިގާލީ މަރުހަލާގަ އެވެ.

ރިޔާސީ އިންތިހާބަކަށް ކުރިމަތި ލާނަމަ ޕާޓީ ސިސްޓމެޓިކް ކޮށް ހިންގަންޖެހެއެވެ. ރައްޔިތުންގެ މެދުގައި މަގުބޫލު ލީޑަރެއް ހުންނަންޖެހެއެވެ. އެ ފަދަ ލީޑަރެއް ނެރެ އިސްތިހާރުކުރުމަށްވެސް ވަގުތު ބޭނުން ވާނެއެވެ. މިފަދަ ލީޑަރެއްގެ ހިލަބެއް ޕީޕީއެމް އިން ފެންނާކަށެއް ނެތެވެ. ރޫހީ ލީޑަރު ކަމަށް ގިނަބަޔަކު ގަބޫނުކުރާ ކުރީގެ ރައިސް މައުމޫން އަބްދުލްގައްޔޫމް، އަނބުރާ ރައްޔިތުން ބަލައިގަތުމަކީ ސުވާލު އުފެދޭ ކަމެކެވެ. ކޮއްކޯފުޅު ޔާމީން އަކީވެސް އިންތިހާބަށް ކުރިމަތި ލައްވާނެކަން ކުރިން އިއުލާން ކޮއްފައިވާ ބޭފުޅެކެވެ. މީގެއިނތުރުން އިންތިގާލީ ނައިބުރައީސް އުމަރުނަސީރު އަކީވެސް މިރޭހުގައި ވާދަކޮއްފާނެ ބޭފުޅެއްކަމައް ވަރައްބޮޑަށް ބެލެވެއެވެ.

މިދެންނެވި ސަބަބުތަކާހުރެ، ޕީޕީއެމް އަވަސް އންތިހަބަކަށް ގޮސްފާނެކަމަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވެއެވެ.

ޑީއާރްޕީ އަކީވެސް ރިޔާސީ އިންތިހާބުގައި ވާދަކުރާނެ، މެންބަތުންގެ ގޮތުން ދެވަނަ އައް އެންމެ ބޮޑު ސިޔާސީ ޕާޓީއެވެ. ޕީޕީއެމް އާއިހިލާފަށް، ޑީއާރުޕީގައި ލީޑަރެއް އެބަހުއްޓެވެ. ޕާޓީގެ ރައީސް އޮޓަމިޓަކުން ޕާޓީގެ ޓިކެޓް ލިބޭ ގޮތައް އަސާސީގަވައިދުގައި އޮތުމުން އަހުމަދު ތަސްމީން އަލީ ވަނީ، ގިނަ ބަޔަކައް އިސްތިހާރު ވެވިފައެވެ.

މިގޮތައް މިހެން އޮތްނަމަވެސް އިންތިހާބެއް ކާމިޔާބުކުރުމަށް އަދި ގިނަގުނަ މަސައްކަތްތަކެއް ކުރަން ޖެހޭކަން ޑީއާރްޕީ ގަބޫލުކުރެއެވެ. މިވަގުތުގައި އިންތިހާބެއް ބާއްވައިފިނަމަ، އެންމެބޮޑައް ވާދަކުރަން ޖެހެނީ އެމްޑީޕީ އާއި ކަން ޑީއާރްޕީ ގަބޫލުކުރާކަން ، ޕާޓީގެ އިސްވެރިން ގެ އަމަލުތަކުން ދޭހަވެއެވެ. އެމްޑީޕީގެ ފަސްވައުދު ފުއްދުމައް ކުރި ގިނަގުނަ މަސައްކަތް ތަކުގެ ސަބަބުން ގިނަ އާންމުންގެ އިތުބާރު އެމްޑީޕީ އަށް ލިބިފައި ވާކަން ޑީއާރުޕީ އަށްވެސް ވިސްނޭ ކަހަލަ އެވެ. އަޅުގަނޑު ގަބޫލު ކުރާގޮތުގައި މި ވަގުތު ޑީއާރުޕީ ކުރަމުން ގެންދާ މަސައްކަތަކީ ، ވެރިކަން ކުރާ ސަރުކާރާއި އެއްބައިވެ ،ކުރިން އެމްޑީޕީ އިން ކުރި ގިނަ ކަންތަކުގެ ފޮނި ބޯލުމުގެ މަސައްކަތެވެ. ހަމަ އެއާއިއެކު، ވެރިކަން ކުރާ ފަރާތްތަކަށް ލިބޭނެ އެޑްވާންޓޭޖް ތަކުގެ ބޭނުން ހިފުމަކީވެސް މިވަގުތު ޑީއާރްޕީ ގެ މަގުސަދުތަކުގެ ތެރޭހިމެނޭނެއެވެ. މިފަދަ ސަބަބުތަކާއިހުރެ، އަވަސް އިންތިހާބަކަށް ޑީއާރުޕީވެސް ތައްޔާރު ނޫންކަމަށް އަޅުގަނޑަށް ފެނެއެވެ.
  
އެމްޑީޕީ، ޑިއާރުޕީ،ޕީޕީއެމް ފިޔަވައި މިވަގުތު މި ރާއްޖޭގެ ރައްޔިތުންގެ ތާއިދު ލިބިފައިވާ ސިޔާސީ ޕާޓިއެއް ނެތެވެ. ގިނަ ޕާޓީތަކަކީ ތިންހާސް މެންބަރުން ހަމަނުވާ ސިޔާސީގުތުން އެއްވެސް ބަރުދަނެއްނެއި ބަޔެކެވެ. މިފަދަ ބޭފުޅުން މަސައްކަތް ކުރާނީ ވީހާވެސް ގިނަ ދުވަހަކަށް ލިބިފަ ތިބި މަގާމުތައް ދެމެހެއްޓޭތޯއެވެ.


ކުރުގޮތަކައް ދަންނަވާނަމަ ، އެމްޑޕީ ނޫނީ އިންތިހާބަކަށް ތައްޔާރު ވެވިފައޮތް ޕާޓީއެއް ނެތެވެ. އިންތިހާބެއްގެ ކުރިން އެހެން ޕާޓީތަކުން ކުރަންޖެހޭ ގިނަގުނަ މަސައްކަތްތަކެއް އެބަހުއްތެވެ. ހައްލުކުރަން ޖެހޭ ގިނަ މައްސަލަ ތަކެއް އެބަހުއްޓެވެ. މިކަންތައްތަކައް ވަގުތު ބޭނުންވެއެވެ.