Saturday 21 September 2013

އޮނަރަބަލް ޤާސިމް އިބްރާހިމް ޕީޕީއެމް އާއި ކޯލިޝަން ނަހަދަންވީ ކީއްވެ؟


ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާއަށް ބަލާލުމުން އަޅުގަނޑުމެނަށް ސާފުވާ އެއް ކަމެއް އެބަ އޮތެވެ. އެމްޑީޕީ އަށާއި އެ ޕާޓިގެ ސިޔާސަތްތަކަށް ދިވެހިންގެ މެދުގައި އޮތް މަގުބޫލުކަމެވެ. ހަމަ އެއާއި އެކު ކުރީގެ ރައީސް މައުމޫން ގެ ޕިޕީއެމް އާއި ދާދި އެއް ހަމައެގައި ޤާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީއަށް ލިބުނު ބޮޑު ތަރުހީބެވެ.

ހަގީގަތުގައި އަޅުގަނޑުމެންނަށް މި ފެނުނު މަންޒަރަކީ ތިންވަނަ ފިކުރަކަށް ދިވެހިން ދީލާލި މަންޒަރެވެ. ޒަމާންވީ ތިރީސް އަހަރަށް ނޫނެކޭބުނި ފަދައިން، ހިތްތިރި ތިން އަހަރަށްވެސް ނުނެކޭބުނާ ގިނަބަޔަކު ތިބިކަން އަޅުގަނޑުމެނަށް ފެނި ހާމަވެއްޖެއެވެ. މި ފިކުރު ހިފެހެއްޓުމުގެ ޒިންމާ އެޅިފަވަނީ ޖުމްހޫރީ ގުޅުމުގެ ލީޑަރު އޮނަރަބަލް ޤާސިމް އިބްރާހިމް ގެ ބޮލުގަ އެވެ.

ހަގީގަތުގައި މި އިންތިހާބު ގައި ކުރީގެ ރައީސް މައުމޫންގެ ޕީޕީއެމް ، ޖުމްހޫރީޕާޓީގެ ފުރިހަމަ ތާއީދާއި އެކު ކާމިޔާބު ވެއްޖެނަމަ އަޅުގަނޑުމެނަށް ފެނިގެން ދާނީ ވެރިކަމުގައި ޕީޕީއެމް ތިބެ މިފަހަރު މި އުފެދުނެ ތިންވަނަފިކުރު ކޮށައި ފުޑުފުޑު ކޮއްލާނެ މަންޒަރެވެ. ހަމަ ގައިމުވެސް ވެރިކަމުގެ އާރާއި ބާރު ބޭނުން ކުރަން ކުރީގެ ރައީސް މައުމޫންގެ ހުރިވަރުގެ ތަޖުރިބާހުރި ބޭފުޅަކު ރާއްޖޭގެ ސިޔާސީ މައިދާނުގައި ފެންނާކަށް ނެތެވެ.

ޑިމޮކްރަސީގެ ޅަފަތުގެ ދައުރުގައި ގިނަ ސިޔާސީ ފިކުރުތަކެއް ވަރަށް މުހިންމެވެ. މި މަތިވެރި ގައުމީ ވާޖިބު ފުރިހަމަކުރުމަށްޓަކައި ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އޮނަރަބަލް ޤާސިމް އިބްރާހިމް ޕީޕީއެމް އާއި ބައިއަތު ނުހިފުން މުހިންމެވެ.